ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ފައިނުގައި ޤާއިމްކުރި ޑްރިޕް އިރިގޭޝަން ސިސްޓަމް އިފްތިތާޙް ކޮށްފި

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަން އެންޑް އެގްރިކަލްޗަރ އާއި ފައިނު ކައުންސިލް ގުޅިގެން ފައިނުގައި ކުރިޔަށް ގެންދިޔަ ޑްރިޕް އިރިގޭޝަން ސިސްޓަމް ޤާއިމް ކުރުމުގެ ޕްރޮޖެކްޓް ނިންމާ އިފްތިތާޙް ކޮށްފިއެވެ.

ފައިނުގައި މިއަދު ކުރިޔަށް ދިޔަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަން އެންޑް އެގްރިކަލްޗަ ޑރ. ޙުސައިން ރަޝީދު ޙަސަންއެވެ.

މި ޕްރޮޖެކްޓް އިފްތިތާޙް ކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި، އެގްރިކަލްޗަރ މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ވިދާޅުވީ، މިއީ ފައިނުގެ ދަނޑުވެރިންނަށް ސަރުކާރުން ދެއްވި ހަދިޔާއެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރަމުން ގެންދިޔުމަށް ފައިނުގެ ދަނޑުވެރިންގެ ކިބައިން މިނިސްޓަރ ވަނީ އެދިވަޑައިގަންނަވާފައެވެ.

މިރަސްމިއްޔާތުގައި، އެ މިނިސްޓްރީގެ ޑިރެކްޓަރ ޢަލީ އާމިރުވެސް ވަނީ ވާހަކަ ދައްކަވާފައެވެ. ޢަލީ އާމިރުގެ ވާހަކައިގައި ވިދާޅުވީ، މި ޕްރޮޖެކްޓް ކާމިޔާބު ކުރުމަށް ވަރަށް ގިނަ ރަށްތަކަކުން ޕްރޮޕޯސަލް ހުށަހެޅި ކަމަށާއި، ނަމަވެސް އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ލިބިފައިވަނީ ފައިނު ކައުންސިލުން ކަމަށެވެ.

މި ރަސްމިއްޔާތުގައި، ފައިނު ކައުންސިލްގެ ރައީސް މޫސާ ޢުމަރުމަނިކު ދެއްކެވި ވާހަކަފުޅުގައި، ފައިނުގައި މިފަދަ ނިޒާމެއް ޤާއިމް ކޮށްދެއްވުމަށް ނިންމެވި ކަމަށްޓަކައި އަދުގެ ސަރުކާރަށާއި މިނިސްޓަރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ޕްރޮޖެކްޓް ހޯދުމަށް ކައުންސިލްގެ 3 ވަނަ ދައުރުގެ ކައުންސިލުން ކުރެއްވި މަސައްކަތްތަކަށްވެސް ޝުކުރު އަދާ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ނިމިދިޔަ ދައުރު ފައިނު ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އިބްރާހީމް ނާޞިރުގެ ވާހަކަފުޅުގައި، މި ޕްރޮޖެކްޓް މިރަށަށް ހޯދައި ދިނުމަށާއި އަދި ރައްޔިތުންނާއި ކައުންސިލުން ބޭނުންވާ ގޮތަސް މި ޕްރޮޖެކްޓް ކުރިޔަށް ގެންދިޔުމަށް މިނިސްޓްރީގެ ތެރެއިން ކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށް މިނިސްޓަރާއި މިނިސްޓްރީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން، 10،000 އަކަފޫޓްގެ 10 ދަނޑު، ޒަމާނީ ވަސީލަތްތަކާއިއެކު ތަރައްޤީ ކޮށްފައިވެއެވެ. އެގޮތުން، މީރު ފެންފަށަލަ ރައްކާތެރި ކުރުމަށް ޚާއްސަ ކޮށްގެން 4 ވަޅެއް ތައްޔާރުކޮށް ގެލެރީ ސިސްޓަމެއްގެ ގޮތުގައި ފަރުމާކޮށް ފެން ނެގޭނެ އިންތިޒާމް ޤާއިމް ކޮށްދީފައިވެއެވެ.

ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ، މި ދަނޑުތަކަށް ފެން ނެގުމަށް ބޭނުންކުރާނީ 100 އިންސައްތަ އިއާދަކުރަނިވި ހަކަތަކެވެ. އެގޮތުން، 750 ކިލޯ ވޯޓްގެ 4 ސޯލަރ ޕަންޕު ބަހައްޓާފައިވާއިރު، 250 ކިލޯވޯޓްގެ 16 ސޯލަރ ޕެނަލް މި ދަނޑުތަކުގައި ބަހައްޓާފައިވެއެވެ. އަދި މި ޕެނަލްތަކުން ދުވާލަކު 1000 ކިލޯވޯޓްގެ ކަރަންޓް އުފައްދައިދޭނެއެވެ. މީގެ އިތުރުން، ފެން ރައްކާކުރުމަށް ޖުމުލަ 20 ސްޓޭންޑެއް ތައްޔާރުކޮށް 20 ކަޅުހަން ބަހައްޓާ މި 10 ދަނޑަށް ފެން ވައިރު އަޅާދީފައިވެއެވެ.

ފައިނުގައި ޤާއިމްކުރި ޑްރިޕް އިރިގޭޝަން ސިސްޓަމް އިފްތިތާޙް ކޮށްފި ފައިނުގައި ޤާއިމްކުރި ޑްރިޕް އިރިގޭޝަން ސިސްޓަމް އިފްތިތާޙް ކޮށްފި Reviewed by ފައިނު ކައުންސިލް އިދާރާ on 8:07 PM Rating: 5

No comments:

Powered by Blogger.