އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން އިޤްރާރުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
ރ. ފައިނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ 2 ވަނަ ދަޢުރަށް އިންތިޚާބުވެފައިވާ މެންބަރުން އިޤްރާރުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. 27 ފެބްރުއަރީ 2018 ވީ އަންގާރަ ދުވަހު ބޭއްވުނު މިރަސްމިއްޔާތުގައި ގިނަ ޢަދަދެއްގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ.
ކީރިތި ޤުރުއާނުގެ ބަރަކާތުން މިރަސްމިއްޔާތު ފައްޓަވައިދެއްވީ ފައިނު ސްކޫލްގެ ދަރިވަރު އާމިނަތު ނޫރާ އިބްރާހީމްއެވެ. އެއަށްފަހު ޖަލްސާ ކުރިޔަށްދާނެގޮތާ ޖަލްސާގެ ތަޢާރަފެއް އ. ޑިރެކްޓަރ އިބްރާހީމް ޙުސައިން ދެއްވިއެވެ. އިބްރާހީމް ޙުސައިންގެ ވާހަކަފުޅުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއެއް އޮތުމުގެ މުހިންމުކަމާށާއި ކޮމެޓީގެ އިންތިޚާބުގެ ކަންކަން ދިޔަގޮތާއި ކޮމެޓީގެ ޤާނޫނީ ބާރުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ކޮމެޓީގެ އިންތިޚާބުގެ ކަންކަމުގައާއި މިރަސްމިއްޔާތަށް އިންތިޒާމްތައް ކުރުމުގައި ރަށުގައިހުރި މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުން ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަ ކުރައްވާ އެފަރާތްތަކަށް ކައުންސިލްގެ ނަމުގައި ޝުކުރު ޢަދާ ކުރެއްވިއެވެ.
އެއަށްފަހު ދެން އޮތީ، ކޮމެޓީއަށް އިންތިޚާބުވެފައިވާ މެންބަރުން އެބޭފުޅުންގެ އިޤްރާރުގައި ސޮއި ކުރުމެވެ. އަދި އެއަށްފަހު ދެންއޮތީ، ކައުންސިލްތައް އުފެދުނުފަހުން އިންތިޚާބުވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފުރަތަމަ ދަޢުރުގެ މެންބަރުން އެމެންބަރުންގެ ދަޢުރުގައި ރަށާއި ރަށުގެ ރައްޔިތުންނާއި ކައުންސިލަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުން އެރުވުމެވެ. އެބޭފުޅުންނާއި ހަނދާނީ ލިޔުން ޙަވާލު ކޮށްދެއްވީ ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރެވެ.
އެއަށްފަހު ރަސްމިއްޔާތުގެ އެންމެ ފަހު ނަންބަރެއްގެ ގޮތުގައި އޮތީ ކައުންސިލްގެ ރައީސްގެ ވާހަކަފުޅެވެ. ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރުގެ ވާހަކަފުޅުގައިވެސް މިފަދަ ކޮމެޓީއެއްގެ މުހިންމުކަމާއި ކޮމެޓީގެ ބޭނުންތެރިކަން ފާހަގަ ކުރެއްވިއެވެ. އަދި މިކޮމެޓީއަކީވެސް ރަށުގެ ރައްޔިތުންނާއި އަންހެން ކަނބަލުންނަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާނެ ކޮމެޓީއެއްކަމަށް ވާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.
ގިނަ ޢަދަދެއްގެ ބޭފުޅުން ބައިވެރިވި ރަސްމިއްޔާތު ނިމިގެންދިޔައީ ބައިވެރިންނަށް ދެވުނު ފިނިހިއްޕެވުމަކުންނެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން އިޤްރާރުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
Reviewed by ފައިނު ކައުންސިލް އިދާރާ
on
8:09 PM
Rating:
No comments: