ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ނިޔަމިކަމުގެ ސަނަދު 2 ގެ ކޯސް ފައިނުގައި ފަށައިގެން ކުރިޔަށްދަނީ



އެމް.އެން.ޑީ.އެފްއާއި ފައިނު ކައުންސިލް ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ނިޔަމިކަމުގެ ސަނަދު 2 ގެ ކޯސް ފައިނުގައި ފަށައިފިއެވެ. 

މިމަހުގެ 17 ގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިކޯހުގައި ޖުމުލަ 40 ފަރާތަކުން ބައިވެރިވެފައިވެއެވެ. މިކޯހުގެ ތަޢާރަފެއްދިނުމަށާއި ބައިވެރިންގެ ފެންވަރު ބެލުމަށްޓަކައި ރޭ ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. އަދި ކޯސް ރަސްމީކޮށް މިއަދުވަނީ ފަށާފައެވެ. އެގޮތުން ކޯސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމް.އެން.ޑީ.އެފް ނޮދަން އޭރިޔާގެ ކޮމާންޑަރ ކާނަލް މުޙައްމަދު ޝާހިދު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. 

ކޯސް ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރު ދެއްކެވި ވާހަކަފުޅުގައި، މިފަދަ ކޯހެއް ރަށުގައި ހިންގުމުގެ މުހިންމުކަމާމެދު އަލިއަޅުއްވާލެއްވިއެވެ. އަދި އެންމެހާ ބައިވެރިންވެސް ކޯހުން ފާސްވުމަށް ޖެހިލުންވުމެއްނެތި ގަދައަޅާ މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މިފަދަ ކޯހެއް މިރަށުގައި ކުރިޔަށް ގެންދަވައިދެއްވާތީ އެމް.އެން.ޑީ.އެފަށް ޝުކުރު ޢަދާ ކުރެއްވިއެވެ. 

ނިޔަމިކަމުގެ ދެވަނަ މިންގަނޑަށް ހިންގާ މިކޯހުގައި 30 ގަޑިއިރު ކިޔަވައިދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ކޯހުގައި ކަނޑު އުޅަނދުފަހަރުގެ ތެރެއިން ބީ، ސީ، ޑީ އަދި އީ ކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގައި އަމަލުކުރަން ޖެހޭ ގޮތްތައް އުނގަންނައިދެވޭނެއެވެ. މިކޯހުގައި ކިޔަވައިދެއްވަނީ ނެވިކަމުގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލް ކުރައްވާފައިވާ އެމް.އެން.ޑީ.އެފްގެ ބޭކަލުންނެވެ. 



މިކޯހަކީ ފައިނުގައި މުޅިންއަލަށް ފެށިފައިވާ ކޯހެކެވެ. އަދި މި ކޯހުގައި އުނގަންނައި ދެވޭ ބައިތަކުގެ ތެރޭގައި، ނެވިގޭޝަން، ކޮމިޔުނިކޭޝަން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން، ޞިއްޙީ ފުރަތަމައެހީ، ކަނޑުގެ ޤާނޫނާއި ޤަވާޢިދު އަދި ޗާޓް ވޯކްސް ހިމެނޭކަމަށް އެމް.އެން.ޑީ.އެފްއިން މަޢުލޫމާތު ދެއްވައެވެ. 

މިކޯހުގެ ކުލާސްތައް ކުރިޔަށްދަނީ ކުލަބް ޔަންގް ސްޓަރސްގެ ޢިމާރާތުގައެވެ.












ފޮޓޯ: ނަޢުޝާދު
ނިޔަމިކަމުގެ ސަނަދު 2 ގެ ކޯސް ފައިނުގައި ފަށައިގެން ކުރިޔަށްދަނީ ނިޔަމިކަމުގެ ސަނަދު 2 ގެ ކޯސް ފައިނުގައި ފަށައިގެން ކުރިޔަށްދަނީ Reviewed by ފައިނު ކައުންސިލް އިދާރާ on 2:20 AM Rating: 5
Powered by Blogger.