ފައިނުގެ ދަނޑުވެރިކަން - ރިޕޯޓް
މާޅޮސްމަޑުލު އުތުރުބުރީ ފައިނަކީ ޒަމާނުއްސުރެވެސް ދަނޑުވެރިކަން ކުރަމުން އަންނަ ރަށެކެވެ. މޫސުމީ ދަނޑުވެރިކަން ކުރާ މިރަށުގައި ދަނޑުވެރިކަން ކޮށް އުޅެނީ، ރަށުގައި އެކަމަށް ޚާއްޞަކުރެވިފައިވާ ދަނޑުބިމުން ދަނޑުވެރިންނަށް ދަނޑު ދޫކޮށްގެނެވެ. ފައިނަކީ ބިންބޮޑު ރަށަކަށްވެފައި ރަށުގައި ތިބެގެން ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަކީ ފައިނު ރައްޔިތުންނަށްލިބިފައިވާ ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ.
ފާއިތުވި 5 އަހަރުވެސް ފުޅާ ދާއިރާއެއްގައި ދަނޑު ހައްދައި ފައިނުގެ ދަނޑުވެރިކަން މިވަނީ ކުރިއަށްވުރެ ފުޅާވެ، މިސިނާއަތުގައި ފައިނު ޙިއްޞާކުރާ އާމްދަނީގެ ނިސްބަތް އިތުރުކޮށްފައެވެ. މިއަހަރުގެ ރަމްޞާންމަހާއި ގުޅުވައިގެން ފައިނުގައި 5000 އަކަފޫޓްގެ 71 ދަނޑު ދޫކޮށްފައިވާއިރު މިފަހަރު ދަނޑުވެރިން މިމަސައްކަތް ކޮށްފައިވަނީ ކުރީ އަހަރުތަކަކޭ ޚިލާފަށް، ދަނޑުވެރިކަމުގެ ޙުނަރުތަކާއި، އުކުޅުތަކާއިއެކުއެވެ. އަދި މިހާރު ދަނޑުވެރިން މިމަސައްކަތް ކުރަމުން ގެންދަނީ، ރަށާއި އަތޮޅުގެ އިތުރުން ރާއްޖޭގެ އެހެނިހެން ރަށްރަށަށްވެސް ދަނޑުވެރިން ހައްދާ ބާވަތްތައް ވިއްކުމަށް ޢަމާޒުކުރަމުންނެވެ.
ކަރާ، ބަރަބޯ، ކިއުކަންބާ، ބަށި އަދި މިރުސްފަދަ ބާވަތްތައް މިފަހަރުވެސް ހައްދާފައިވާއިރު، މިކަމަށް ބޭނުންވާ ތަފާތު އާލާތްތައް ދަނޑުވެރިން އަންނަނީ ބޭނުން ކުރަމުންނެވެ. އަދި މިއާއިއެކު ދަނޑުތަކުން އުފައްދާ ތަކެތީގެ ޢަދަދުވެސް މިވަނީ އެތައްތަނެއް އިތުރުކޮށްފައެވެ. އެގޮތުން މިފަހަރުގެ ރަމްޞާން މަހާއި ގުޅުވައިގެން ފައިނުގައި ހައްދާފައިވާ 69 ދަނޑުން ކުރީ އަހަރުތަކާއި ހިލާފަށް ރެކޯޑް އަދަދަކަށް ކަރާ ނެރޭނެކަމަށް އަންދާޒާ ކުރެވެއެވެ. އެގޮތުން، ކައުންސިލުން ލަފާކުރާގޮތުގައި 200 ޓަނާއި ގާތްކުރާ ޢަދަދަކަށް ކަރާ ނެރެވޭނެއެވެ. އަދި 2 ކިލޯއާއި 12 ކިލޯއާއި ދޭތެރޭގެ ސައިޒުގެ ކަރާ ހުރިކަމަށާއި އެވަރެޖުކޮށް 5 ކިލޯ ކަރާ ކެނޑޭނެކަމަށް ޤަބޫލުކުރެވެއެވެ.
ނަމަވެސް، ފައިނުގެ ދަނޑުވެރިންގެ އެންމެބޮޑު ޝަކުވާއަކީ ދަނޑުވެރިން ހައްދާ ބާވަތްތަކަށް އެކަށީގެންވާ މާކެޓް ނުލިބުމެވެ. އެހެންކަމުން ކައުންސިލުން ދަނޑުވެރިން ހައްދާ ބާވަތްތައް ވިއްކޭނެ އިންތިޒާމް ހަމަޖެއްސޭތޯ މިހާރުދަނީ މަސައްކަތް ކުރަމުނެވެ. ވޭތުވެ ދިޔަ އަހަރުވެސް ތަކެތި ވިއްކުމުގެ މާކެޓް ނުލިބުމުން ގިނަ އަދަދަކަށް ކަރާ ފީވެ ހަލާކުވެފައިވާކަން ފާހަގަ ކުރަމެވެ.
ފައިނުގެ ދަނޑުވެރިކަން - ރިޕޯޓް
Reviewed by ފައިނު ކައުންސިލް އިދާރާ
on
1:44 AM
Rating: