ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ނިޔަމި ކޯހުގެ ނިމުން ފާހަގަ ކުރުމާއި ސެޓްފިކެޓް ހަވާލު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި


ފައިނު ކައުންސިލާއި އެމް.އެން.ޑީ.އެފް ކޯސްޓްގާޑް ގުޅިގެން މިމަހުގެ 13 އިން 17 އަށް ކުރިޔަށް ގެންދިޔަ ނިޔަމި ކަމުގެ ސަނަދު 2 ގެ ކޯހުގެ ނިމުން ފާހަގަކޮށް ބައިވެރިންނަށް ސެޓްފިކެޓް ޙަވާލު ކޮށްފިއެވެ. 

ބައިވެރިންނަށް ސެޓްފިކެޓް ޙަވާލު ކޮށްފައިވަނީ މިކަމަށްޓަކައި ރޭ ބޭއްވުނު ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފެވެ. 
މިކަމަށްޓަކައި ރޭ ބޭއްވުނު ރަސްމިއްޔާތު ފެށުނީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ. ޤުރުއާން ކިޔެވީ ކޯހުގެ ބައިވެރިއެއްކަމަށްވާ އަލްފާޟިލް ޢަލީ އާދަމް މަނިކެވެ. ރަސްމިއްޔާތު ތަޢާރަފް ކޮށްދެއްވާ ކުރިޔަށް ގެންގޮސްދެއްވީ އ. ޑިރެކްޓަރ އިބްރާހީމް ޙުސައިންއެވެ. އެއަށްފަހު އޮތީ، ކައުންސިލްގެ ފަރާތުން ވާހަކަ ދެއްކެވުމެވެ. ކައުންސިލްގެ ފަރާތުން ވާހަކަ ދެއްކެވި ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ނާޞިރުގެ ވާހަކަފުޅުގައި މިފަދަ ކޯހެއް ކުރިޔަށް ގެންގޮސްދެއްވީތީ އެމް.އެން.ޑީ.އެފަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވަން ވަޑައިގެންނެވީތީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފަށް ޝުކުރު އަދާ ކުރެއްވިއެވެ. ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި، މިފަދަ ކޯހެއް ރަށުގައި ހިންގުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ކޯސް ފުރިހަމަ ކުރި ބޭފުޅުންނަށް ފަސޭހަކަމާއިއެކު ރަށުގައި ތިބެގެން ލައިސަންސް ހެއްދޭނެގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ. 

އެއަށްފަހު ދެންއޮތީ، ކޯހާއި ގުޅޭގޮތުން ވާހަކަ ދެއްކެވުމެވެ. ކޯހާއި ގުޅޭގޮތުން ވާހަކަ ދެއްކެވީ މޭޖަރ އަންވަރު ޒާހިރެވެ. މޭޖަރ އަންވަރު ޒާހިރުގެ ވާހަކަފުޅުގައި، މިކޯހަކީ މީގެ 48 ވަނަ ކޯސް ކަމަށާއި މިކޯހުގައި 37 ބައިވެރިން ބައިވެރިވެ ހުރިހާ ބައިވެރިންވެސް ކޯހުން ފާސްވެ ސެޓްފިކެޓް ހާސިލް ކުރައްވާފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި ކޯހުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. 

ޖަލްސާގައި ދެން އޮތީ، ބައިވެރިންނަށް ސެޓްފިކެޓް ޙަވާލު ކުރުމެވެ. ބައިވެރިންނަށް ސެޓްފިކެޓް ޙަވާލު ކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފެވެ. ސެޓްފިކެޓް ޙަވާލު ކޮށްދެއްވުމަށްފަހު ޝަރަފްވެރި މެހެމާން އާދަމް ޝަރީފް ވާހަކަފުޅު ދެއްކެވުން އޮތެވެ. ޝަރަފްވެރި މެހެމާހުގެ ވާހަކަފުޅުގައި، މިފަދަ ކޯހެއް މިރަށުގައި ހިންގުމުގެ ބޭނުންތެރިކަމާއިމެދު އަލިއަޅުވާލެއްވިއެވެ. އަދި ރަށުގައި ތިބެގެން މިފަދަ ކޯހެއް ފުރިހަމަ ކުރެވިގެން ދިޔުމުން ބައިވެރިންނަށް އެސަލާމަތް ކުރެވުނީ ފަސްހާހެއްހާ ރުފިޔާ ކަމަށް ފާހަގަ ކުރެއްވިއެވެ. އަދި އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑުގެ ފަރާތުން މިކޯސް ހިންގަވައިދެއްވަން ފެއްޓެވިފަހުން ދަތުރު ކުރައްވާ ފަރާތްތަކުން ދަތުރު ކުރެއްވުމުގައި ކުރިޔަށްވުރެ ބޮޑަށް މިހާރު ހޭލުންތެރިވެފައިވާކަމަށާއި، މޫސުން ގޯސް ދުވަސްތަކުގައި ދަތުރު ކުރެއްވުމުގަޔާއި އެނޫންވެސް ނުރައްކާ ޙާލަތްތަކުގައި ދަތުރު ކުރެއްވުމުގައި ދަތުރު ކުރައްވާ ފަރާތްތަކުން މިހާރު ވަރަށްބޮޑަށް ބައްލަވާކަމަށް ވިދާޅުވިއެވެ. ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގައި، މިފަދަ ކޯސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދިޔުމުގައި އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ފަރާތުން ކުރައްވާ ބުރަ މަސައްކަތްޕުޅު ފާހަގަ ކުރައްވާ އެބޭފުޅުންނަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި ކޯސް ހިންގަވައިދެއްވުމުގައި ޙަރަކާތްތެރިވި ކޯސްޓްގާޑުގެ ބޭފުޅުންނަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި މިފަދަ މުހިންމު ކަންކަން ރާއްވަވާ ކުރިޔަށް ގެންގޮސްދެއްވާ ކަމަށްޓަކައި އެމް.އެން.ޑީ.އެފްގެ އިސް ބޭފުޅުންނަށް ޝުކުރު އަދާ ކުރެއްވިއެވެ. 

ޝަރަފްވެރި މެހެމާންގެ ވާހަކަފުޅަށްފަހު ދެން އޮތީ ބައިވެރިންނާއިއެކު ފޮޓޯނެގުމެވެ. އެއަށްފަހު ރަސްމިއްޔާތު ނިމިގެންދިޔައީ ބައިވެރިންނަށް ތައްޔާރު ކުރެވިފައިވާ ބިލެއް މީރުކޮށްލުމަކުންނެވެ. 
ގުޅުންހުރި ފޮޓޯ
ނިޔަމި ކޯހުގެ ނިމުން ފާހަގަ ކުރުމާއި ސެޓްފިކެޓް ހަވާލު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި ނިޔަމި ކޯހުގެ ނިމުން ފާހަގަ ކުރުމާއި ސެޓްފިކެޓް ހަވާލު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި Reviewed by ފައިނު ކައުންސިލް އިދާރާ on 12:10 AM Rating: 5
Powered by Blogger.