ކައުންސިލުން ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފި
ފާއިތުވި 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި ކައުންސިލްގެ 2 ވަނަ ދަޢުރުގެ 3 އަހަރު ރަށުގެ ތަރައްޤީއަށް ކުރެވިފައިވާ ކަންކަމުގެ މަޢުލޫމާތާއި
މިހިނގާ އަހަރު ކުރުމަށް ރާވާފައިވާ ކަންކަމާއި ކައުންސިލްގެ މާލީ ހިސާބު ރައްޔިތުންނާއި ޙިއްސާ ކުރުމަށް ޖަލްސާއެއް ބާއްވައިފިއެވެ.
24 ފެބްރުއަރީ 2017 ވަނަ ދުވަހުގެ ރޭގަނޑު 9:00 ގައި ފައިނު ސްކޫލްގައި ބޭއްވުނު މިބައްދަލުވުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ޢުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން، ފެބްރުއަރީ މަހު ބޭއްވުމަށް ކައުންސިލްގެ މައްޗަށް ލާޒިމްކުރާ ބައްދަލުވުމެވެ. ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ ބައިވެރިވި މިބައްދަލުވުން ކީރިތި ޤުރުއާނުގެ ބަރަކާތުން ފައްޓަވައިދެއްވީ ފައިނު ސްކޫލްގެ ޤުރުއާން ޓީޗަރ އަލްފާޟިލް ޢަލީ އާދަމް މަނިކެވެ. އެއަށްފަހު ޖަލްސާ ތަޢާރަފް ކުރުމުގެ ގޮތުން އ. ޑިރެކްޓަރ އަލްފާޞިލް އިބްރާހީމް ޙުސައިން ވާހަކަފުޅު ދެއްކެވިއެވެ. އިބްރާހީމް ޙުސައިންގެ ވާހަކަފުޅުގައި، ރައްޔިތުންގެ ގިނަ ބަޔަކު މިޖަލްސާއަށް ވަޑައިގެންނެވީތީ ޝުކުރު ޢަދާ ކުރެއްވިއެވެ. އަދި މިޖަލްސާއަކީ ޤާނޫނީގޮތުން ބޭއްވުމަށް ކައުންސިލްގެ މައްޗަށް ލާޒިމްކުރާ ޖަލްސާއެއްކަން ފާހަގަ ކުރައްވާ މިޖަލްސާގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވާ ޖަލްސާގެ ތަޢާރަފެއް ދެއްވިއެވެ.
މިޖަލްސާގައި ދެންއޮތީ، ފާއިތުވި 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގެ ވީޑިއޯ ޕްރެޒެންޓޭޝަން ހުށަހެޅުމެވެ. މިރިޕޯޓަށްފަހު ކައުންސިލްގެ 2 ވަނަ ދަޢުރުގެ 3 އަހަރު ކުރެވިފައިވާ މުހިންމު ކަންކަމުގެ މައްޗަށް ބަލައިލާ ތައްޔާރު ކުރެވިފައިވާ ވީޑިއޯ ޕްރެޒެންޓޭޝަން ހުށަހެޅުން އޮތެވެ. އެއަށްފަހު މިހނގާ އަހަރު ކުރުމަށް ރޭވިފައިވާ މުހިންމު ކަންކަމާއި ކައުންސިލްގެ މާލީ ހިސާބުގެ ޚުލާސާ ރައްޔިތުންނާއި ޙިއްސާ ކުރުން އޮތެވެ. އެއަށްފަހު ރައްޔިތުންގެ ސުވާލުތަކަކަށް ފުރުޞަތު ހުޅުވާލައި ރައްޔިތުންގެ ފަރާތުން ހުށަހެޅުނު ސުވާލުތަކަށް ޖަވާބުދިނުން އޮތެވެ.
ކައުންސިލުން ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފި
Reviewed by ފައިނު ކައުންސިލް އިދާރާ
on
7:44 PM
Rating: