ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ދަނޑު ދޫކުރުމުގެ އުޞޫލް

ތާޢާރަފް
މިއީ ފައިނު ކައުންސިލުން ފައިނުގެ ރައްޔިތުންނަށް ދަނޑުވެރިކަމާއި ގުޅޭ މަސައްކަތްތައް ކުރުމަށް ކުރުމުއްދަތަށް ކައުންސިލުން ނިންމާ ގޮތެއްގެ މަތީން މޫސުމީ ދަނޑުވެރިކަން ކުރުމަށް ރައްޔިތުންނަށް ދަނޑުބިންތައް ދޫކުރުމުގައި އަމަލުކުރާނެ މައިގަނޑު އުސޫލުތަކެވެ. މިއުޞޫލާއި ހިލާފުވާ ފަރާތްތަކަށް ކައުންސިލްގެ ފަރާތުން ނަޞޭހަތްތެރި ވުމަށްފަހުވެސް އުޞޫލާ ހިލާފުވާނަމަ، ދަނޑުބިން ވަކިކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. އަދި މިއުޞޫލު އިސްލާޙް ކުރުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

1. ދަނޑުބިން ދޫކުރުން
ހ. ދަނޑުބިން ދޫކުރާނީ ކައުންސިލުން ނިންމާ ދުވަސްތަކެއްގައި ކަނޑައެޅޭ ވަކި މުއްދަތަކަށެވެ. އަދި ދޫކުރާ ބިމުގެ ސައިޒް ކަނޑައަޅާނީ ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ބޮޑުމިނަށް ބަލާ، ދަނޑުވެރިކަން ކުރުމަށް ބިންބޭނުންވާކަމަށް ކައުންސިލްގައި އެދިފައިވާ ފަރާތްތަކުގެ ތެރެއިން މި އުޞޫލުގައި ބަޔާންކުރާ ޝަރުތުތައް ހަމަވާ ފަރާތްތަކުގެ އަދަދަށްބަލާ ދަނޑުބިން ދޫކުރެވެންހުރި އެންމެ ބޮޑުމިނަކަށެވެ.

ށ. ދަނޑު ދޫކުރެވޭނީ އެކަމަށް އެދޭ ފޯމް ފުރާ ފަރާތްތަކުގެ ތެރެއިން، މިއުޞޫލުގައި ބަޔާންކޮށްފައިވާ ޕޮއިންޓް ދޭ އުޞޫލުގެ ދަށުން އެކަމަށް ކަނޑައަޅާ ކޮމެޓީއަކުން ދޭ ޕޮއިންޓަށް ބަލައި މަދުވެގެން 70 ޕޮއިންޓް ހޯދާ ފަރާތްތަކަށެވެ. މިޢަދަދަށްވުރެ މަތިން ޕޮއިންޓް ހޯދާ ފަރާތްތަކުގެ ޢަދަދު ދަނޑުބިން ދޫކުރެވެން އޮތް އަދަދަށް ވުރެ އިތުރުވާނަމަ، ދަނޑު ދޫކުރުމުގައި އިސްކަންދެވޭނީ ޕޮއިންޓް ލިބުނު ތަރުތީބަށް ބަލައިގެނެވެ. އަދި ޕޮއިންޓް ލިބުނު ޢަދަދު އެއްވަރުވެއްޖެނަމަ އޭގެތެރެއިން ދަނޑު ދޭނެ ފަރާތްތަކެއް ކަނޑައަޅާނީ ގުރުއަތުންނެވެ. މިގުރުއަތު ނެގުމުގެ ކުރިން، ފާއިތުވި އަހަރު ދާއިމީ ދަނޑު ހެއްދި ގެއެއްގެ އެއްވެސް ފަރާތަކަށް 70 ޕޮއިންޓަށްވުރެ މަތިން ލިބިގެންވެސް ދަނޑެއް ނުލިބޭގޮތަށް އޮތްނަމަ އެގޭގެ އާއިލާތަކުގެ ތެރެއިން ފާއިތުވި އަހަރު ދާއިމީ ދަނޑު ލިބިގެން ހެއްދި ފަރާތަށް ނުވަތަ އެފަރާތް ބޭނުންވާ އެގޭގައި ދިރިއުޅޭ އެހެން އާއިލާއަކަށް ދަނޑު ދޫކުރެވޭނެއެވެ. 
ދެމަފިރިން ދަނޑަށް އެދި ފޯމް ހުށަހަޅައިފިނަމަ ދަނޑުގެ ޝަރުތު ހަމަވިކަމުގައިވީނަމަވެސް ދަނޑު ލިބޭނީ އޭގެ ތެރެއިން ކޮންމެވެސް އެކަކަށެވެ. އަދި ޕޮއިންޓް ދިނުމުގައި ބެލެވޭނީ ދެމަފިރިންގެ ޝަރުތުތައް އެއްކޮށްލައިގެނެވެ. އަދި މިއުޞޫލުގެ ދަށުން އެއްގެއެއްގައި ދިރިއުޅޭ އާއިލާތަކުގެ ތެރެއިން ދަނޑަށް އެދި ހުށަހަޅާ އާއިލާތައް ދަނޑުބިމަށް ޝަރުތު ހަމަވީކަމުގައިވިޔަސް، އެއް ގެއެއްގައި ދިރިއުޅޭ އާއިލާތަކަށް ގިނަވެގެން ދޫކުރެވޭނީ 2 ދަނޑެވެ. މިގޮތަށް 2 ދަނޑަށްވުރެ އިތުރުވާނަމަ ދަނޑު ދޭނެ 2 އާއިލާއެއް ކަނޑައަޅާނީ އެއާއިލާތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދި އާއިލާތަކަށް ބަލައިގެނެވެ. އަދި އެފަރާތްތަކަށް ލިބޭ މާރކްސް އެއްވަރު ވެއްޖެނަމަ ދަނޑު ދޭނެ 2 ފަރާތެއް ކަނޑައަޅާނީ ގުރުއަތު ލައިގެނެވެ. މިއުޞޫލުގައި މިހެން ހިމެނިފައިވީނަމަވެސް، ސޯސަންމަގުންނާއި އަހުމަދުފުޅު ކޮށިމަގުން ދަނޑު ދޫކުރުމުގައި އަންނަ ބިމުގެ ތަފާތަށް ބަލާ 2 ދަނޑަށްވުރެ އިތުރަށްވެސް ދޫކުރެވިދާނެއެވެ.

ނ. މިއުޞޫލުގެ ދަށުން ދަނޑުބިން ދޫކުރުމަށްޓަކައި އެކަމަށް ޚާއްޞަ ކޮމެޓީއެއް އެކުލަވާލަން ވާނެއެވެ. ދަނޑުބިން ދޫކުރުމުގެ މަސައްކަތްތަކަށް އެކުލަވާލެވޭ ކޮމެޓީގައި ހިމެނޭނީ 5 މެންބަރުންނެވެ. ކޮމެޓީ އެކުލެވިގެންވަނީ ކައުންސިލް އިދާރާއާއި ރަށުގައި ހުރި އެހެނިހެން މުއައްސަސާތަކުގެ މައްޗަށެވެ. މިގޮތުން މުއައްސަސާތަކުން މެންބަރުން ކަނޑައަޅާނީ އެމުއައްސަސާއަކުންނެވެ.

2. ދަނޑުބިން ދޫކުރާ މުއްދަތު
ހ. މިއުޞޫލުގައި ބަޔާންކުރާ ދަނޑުވެރިކަމަށް ބިން ދޫކުރާ މުއްދަތަކީ ދަނޑު ޙަވާލުކުރާ ދުވަހުން ފެށިގެން 6 މަސް ދުވަހެވެ. އަދި ދޫކޮށްފައިވާ ބިމުގެ މުއްދަތު އިތުރުކޮށްދިނުމަށް ބިން ދޫކުރެވުނު ފަރާތުން ސަބަބު ބަޔާންކޮށް ކައުންސިލަށް ހުށައަޅާފިނަމަ، އެ ހުށައެޅުމަށްބަލާ އެފަރާތަކަށް މުއްދަތު އިތުރުކޮށްދިނުމާއި، މުއްދަތު އިތުރު ނުކޮށްދިނުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

3. ބިމުކުލި
ހ. މިއުޞޫލުގައި ބަޔާންކުރެވިފައިވާ ދަނޑުވެރިކަން ކުރުމަށް ދޫކުރާ ބިމުން ފައިނު ކައުންސިލުން ނިންމާ ގޮތެއްގެ މަތީން ކައުންސިލުން ކަނޑައަޅާ ކުއްޔެއް ނެގުމުގެ ބާރު ކައުންސިލަށް ލިބިގެން ވެއެވެ.

4. ދަނޑު ދޫކުރުމުގައި ޕޮއިންޓްދެވޭނެ ގޮތް
ހ. މިއުޞޫލުގައި ބަޔާންކުރާ ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގައި ގޭބީސީގެ ގޮތުގައި ބަލާނީ ތިރީގައި ބަޔާންކުރާ ކަންކަމަށެވެ.

   4.1 ޕޮއިންޓް ލިބޭ ގޮތް
4.1.1 ރަށްވެހިކަން
(ހ) ފައިނުގައި ރަޖިސްޓްރީ ވެފައިވާ މީހެއް ނަމަ 22 ޕޮއިންޓް
4.1.2 އާއިލާ
ދަނޑު ދޫކުރެވޭނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ހުށަހަޅާ ފަރާތަކީ ދަނޑުވެރިކަން ކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވެ އުޅެވޭ ވަރުގެ އާއިލާއެއްގެ ޒިންމާދާރު ފަރާތް ކަމުގައި ވާނަމައެވެ. މިބަޔަށް މާކްސް ދެވޭނީ ތިރީގައި އެވާ ގޮތުގެމަތިންނެވެ. 
(ހ) މީހަކާ އިނދެގެން އުޅޭނަމަ ނުވަތަ އެކަނިވެރި މައިން އަދި ދަރިންނަށް ޚަރަދު ކުރަންޖެހޭ ބަފައިން 31 ޕޮއިންޓް
(ށ) ޢުމުރުން 21 އަހަރުން މަތީގެ މީހެއްނަމަ  ޕޮއިންޓް
(ނ) އަމިއްލަ ގެ ނުވަތަ ވަކިން ގެއެއްގައި ދިރިއުޅޭނަމަ  10 ޕޮއިންޓް
(ރ) ކުދިން ތިބިނަމަ ޢަދަދަށް: 
           1# 18 އަހަރުން ދަށުގެ ކުދިން ތިބިނަމަ  3 ޕޮއިންޓް
2# 18 އަހަރުން މަތީގެ، ކައިވެނިނުކޮށް އުޅޭ ދަރިން ތިބި ނަމަ  2 ޕޮއިންޓް
3# ކައިވެނިކޮށްގެން އުޅޭ ދަރިން ތިބި ނަމަ  3 ޕޮއިންޓް
(ބ) ރަށުން ގޯއްޗެއް ލިބި ޢިމާރާތެއް ނުކޮށް ނުވަތަ ޢިމާރާތް ހިޔާނުކޮށް ހުރިނަމަ 2 ޕޮއިންޓް
(ޅ) ރަށުން ލިބިފައިވާ ގޯތީގައި ޢިމާރާތްކޮށް ހިޔާކޮށްފައިވާނަމަ  10 ޕޮއިންޓް
(ކ) މީގެ ކުރިން ކައުންސިލުން ދަނޑު ދޫކުރި ފަރާތެއް ނަމަ  12 ޕޮއިންޓް

4.2 ޕޮއިންޓް އުނިކުރެވޭ ކަންކަން
4.2.1 ފާއިތުވި އަހަރު ދަނޑުވެރިކަން ކުރުމުގައި ޢަމަލު ކޮށްފައިވާ ގޮތަކުން
(ހ) ފާއިތުވި އަހަރު ދޫކުރި ދަނޑު އަމިއްލަ މަސައްކަތުން ނުހައްދާނަމަ  25 ޕޮއިންޓް
4.2.2 ދަނޑު ބިމުގެ އެއްބަސްވުމަށް އިޙްތިރާމް ނުކުރުމުން
(ހ) ފާއިތުވި އަހަރު ދަނޑު ހެއްދުމުގައި އެއްބަސްވުމުގައިވާ ގޮތާއި ޚިލާފު ވެފައިވާ ނަމަ ޚިލާފްވި މިންވަރަށް ބަލާ 5 އާއި 15 އާއި ދެމެދު ޕޮއިންޓް
4.2.3 ވަޒީފާގައި އުޅޭ ފަރާތްތައް
(ހ) ދެމަފިރިންގެ ތެރެއިން މީހަކު ދާއިމީ ވަޒީފާގައި އުޅޭނަމަ  5 ޕޮއިންޓް 
4.2.4 ގެ ކުއްޔަށް ދީފައިވުން
(ހ) ރަށުން ލިބިފައިވާ ގޯތީގައި ކޮށްފައިވާ ޢިމާރާތް ކުއްޔަށް ދީފައިވާނަމަ  2 ޕޮއިންޓް

5. ދަނޑު އެންދުން
ހ. މިއުޞޫލުގައި ބަޔާންކޮށްފައިވާ ދަނޑުބިން ސާފު ކުރުމުގެ މަސައްކަތް ކުރަންވާނީ ކައުންސިލް އިދާރާއިން ހަމަޖައްސާ ގޮތެއްގެ މަތީން ކައުންސިލް އިދާރާގެ ހުއްދަ ލިބިގެންނެވެ. އަދި ކޮންމެ ދަނޑެއްވެސް އޮންނަންވާނީ ކައުންސިލް އިދާރާއިން އަންގާ މިންގަނޑަކަށް ހޭޅިޖަހާ ސާފުކޮށްފައެވެ. އެއްވެސް ދަނޑެއް ކައުންސިލް އަންގާގޮތެއްގެމަތިން ހޭޅިނުޖަހާ ނުވަތަ އެކަށީގެންވާ މިންވަރަށް ސާފުނުކޮށް އޮތުމުގެ ސަބަބުން ދިމާވާ ކަންކަމުގެ ޒިންމާ އެދަނޑެއްގެ ވެރިފަރާތުން އުފުލަންޖެހޭނެއެވެ.

6. ދަނޑު ބަދަލުކުރުން
ހ. ދަނޑުވެރިކަން ކުރުމަށް ގުރުއަތުން ދިމާވި ދަނޑު، އެއްދަނޑު އަނެއް ދަނޑަށް ބަދަލުކުރުމުގެ އިހުތިޔާރު ދަނޑުބިން ލިބުނުފަރާތަށް ލިބިގެންވެއެވެ. މިގޮތުންވެސް ބަދަލުކުރެވޭނީ ކައުންސިލާއި މަޝްވަރާ ކޮށްގެނެވެ.

7. ދަނޑުބިމުގައި ނުހެއްދޭނެ ބާވަތްތައް
ހ. މިއުސޫލުގައި ބަޔާންކުރާ ދަނޑުވެރިކަން ކުރުމުގައި ތިރީގައި މިދަންނަވާ ބާވަތްތައް އިންދާ ހެއްދުމަކީ މާނާކަމެކެވެ.
ދޮންކެޔޮ ނުވަތަ ފަތްކޭލުގެ އެއްވެސް ބާވަތެއް
ގަސްތައް ބޮޑެތިވެ ލަކުޑިއަށްވާ އެއްވެސް ބާވަތެއްގެ ގަހެއް
ރުއް

8. ދަނޑުބިން ބޭނުންކުރުމާއި ދޫކޮށްލުން
ހ. ދަނޑުބިން ދޫކުރުމަށް ހަމަޖެހުމާއި ގުޅިގެން އާންމުކޮށް އިޢުލާން ކުރެވޭއިރު ދަނޑުބިމަށް އެދޭ ފޯމް ކައުންސިލުން ދޫކުރެވޭނެއެވެ. މިގޮތުން ދަނޑުބިމަށް އެދެންވާނީ ދަނޑުބިމަށް އެދޭ ފޯމުންނެވެ.
  
ށ. ދަނޑުބިން ބޭނުންކުރަންވާނީ ކައުންސިލުން ކަނޑައަޅާފައިވާ މިއުޞޫލާއި ހިލާފުނުވާ ގޮތަށެވެ. އަދި ކައިރީގައި ދަނޑު ވެރިކަންކުރާ އެއްވެސް ފަރާތަކަށް އުނދަގޫނުވާގޮތަށެވެ. އަދި މަގެއް ނުވަތަ ހޭޅީގެ ގޮތުގައި ކަނޑައަޅާފައިވާ އެއްވެސް ސަރަހައްދެއް ދަނޑުވެރިކަމުގައި ހައްދާ އެއްވެސް ބާވަތެއް ހެއްދުމަށް އަދި ވަޅު ހެދުން ފަދަ ބޭނުމަކަށް ބޭނުންކޮށްގެން ނުވާނެއެވެ. މީގެ އިތުރުން ކުރިން ދޫކުރެވިފައިވާ ދަނޑުގައި ހުރި ވަޅު ނޫން އެހެން އާވަޅެއް ކޮންނަން ބޭނުންވާނަމަ އެކަން ކުރަންވާނީ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ.
ނ. ދަނޑު ކޮށުމާއި ސާފު ކުރުމުގައި ދަނޑުގެ ހޭޅިމަތީގައި ހުންނަ ރުއްގަސް ކަނޑާ އެންދުން ފަދަ ކަންކަން ކުރުމަކީ މަނާކަމެކެވެ. އެހެންނަމަވެސް، ކައިރީ ހުންނަ އެފަދަ ރުއްގަހުން ދަނޑަށް އުނދަގޫވާނަމަ ކައުންސިލްގެ ހުއްދަ ލިބިގެން ޙައްލު ކުރުމަށް މަސައްކަތް ކުރެވިދާނެއެވެ.

ރ. ކައުންސިލުން ދޫކޮށްފައިވާ ފަރާތަކުން ބިމުގެ މުއްދަތު ހަމަނުވަނީސް ދަނޑުބިން ދޫކޮށްލާނަމަ އެކަން ބިންދޫކޮށްލުމުގެ ދެހަފުތާކުރިން ކައުންސިލަށް ހުށައަޅަންވާނެއެވެ. އަދި ބިންދޫކޮށްލުމުގައި ކައުންސިލުން ކަނޑައަޅާ އަންގާ ގޮތެއްގެ މަތީން އަމަލުކުރަންވާނެއެވެ. އަދި އެފަރާތުން ދަނޑު ވަކިކުރެވޭ ދުވަހުންފެށިގެން އެދަނޑެއްގައި އެއްވެސް ބާވަތެއްގެ އެއްޗެއް އިންދާ ހައްދާފައިހުރިނަމަ ނުވަތަ ފެންދިނުމަށް ޤާއިމްކުރެވިފައިވާ ވަޞީލަތެއްވިޔަސް އެއެއްޗެއް 7 ދުވަހުގެ ތެރޭގައި ނަގަންވާނެއެވެ.

ބ. ދަނޑުވެރިކަން ކުރުމުގައި ދަނޑުވެރިންނަށް ދިމާވާ ކަންކަމުގެ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއުޞޫލުގެ ދަށުން ދަނޑުވެރިންނަށް ލިބިގެންވެއެވެ. އަދި އެފަދަ ޝަކުވާތައް ހުށަހަޅާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ ޝަކުވާ ހުށަހަޅާ ފޯމަކުންނެވެ.

ޅ. ދަނޑު ހެއްދުމަށް ދޫކުރެވޭ ބިން، އެބިން ދޫކުރެވިފައިވާ މުއްދަތުގެ ތެރޭގައި ދަޢުލަތުގެ ބޭނުމަކަށް ނަގަންޖެހިއްޖެނަމަ 1 މަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ބިން ވަކި ކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

ކ. ދަނޑު ބިމުގެ މުއްދަތު ހަމަވެގެން ދަނޑު ދޫކޮށްލާއިރު ދަނޑުގައި ބޭނުންކުރަމުން އައި ވަޅުގެ މަތި އަޅާ މަދިރިފަނި ނާޅާނެގޮތަށް އަދި ދަނޑުމަތީ ހިނގާބިނގާ މީސްމީހުންނަށް ގެއްލުމެއް ނުލިބޭފަދަ ގޮތަކަށް ބަންދު ކުރެވިފައި ހުންނަންވާނެއެވެ. އަދި ދަނޑުގައި ފުޅަށްގަނޑު އެޅުމަށާއި ގެއެޅުންފަދަ ކަންކަމަށް ބޭނުންކުރާ މޮހޮރާއި އެނޫންވެސް ގެއްލުން ލިބޭގޮތަށް ހުންނަ ތަކެތި ދަނޑު ދޫކޮށްލާއިރު ނަގަންވާނެއެވެ.

9. އުޞޫލަށް ޢަމަލުކުރަން ފެށުން
މިއުޞޫލަށް ޢަމަލުކުރަން ފަށާނީ މިއުޞޫލް އާންމުކޮށް އިޢުލާން ކުރެވޭ ދުވަހުން ފެށިގެންނެވެ.

19 ފެބްރުއަރީ 2018
ދަނޑު ދޫކުރުމުގެ އުޞޫލް ދަނޑު ދޫކުރުމުގެ އުޞޫލް Reviewed by ފައިނު ކައުންސިލް އިދާރާ on 12:23 AM Rating: 5

No comments:

Powered by Blogger.